އަހަރުތަކަކަށްފަހުގައި، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފަށާފައިވަނީ ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ.

ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވެއެވެ.

އެއަށްފަހު ނެޝަނަލް އާޓް ގެލެރީގައި ”ނަސްރު ދުވަހުގެ ސިފައިންގެ މައުރަޒު“ ހުޅުވައިފައިވެއެވެ. އެ މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

މިއަދު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ހާއްސަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭ ބާއްވާ ނަސްރު ދުވަހުގެ ހާއްސަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ. މިދިޔަ ސަރުކާރުން ނަސްރުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފައިނުވާއިރު، ރައީސް ޑރ.މުއިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ސަރުކާރުން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށެވެ.

މިއަދު ދައުލަތުގެ މީޑިއާ އިން ވެސް ނަސްރުގެ ދުވަހާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.