މޫސުމީ ބަދަލުތަކާ ގުޅިގެން ނެތިގެންދާނީ މުޅި ޖީލު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ އެންމެ ފަހު ސެޝަންގައި ވާހަކަފުޅު ދައްކަމުން ރައީސް ސޯލިހު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުން ވާނީ ހަަމައެކަނި ވަކި ގައުމަކަށް ނޫން ކަމަށެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސްގެ އެންމެ ފަހުގެ މައުޟޫއުއަކީ ”ވިލުންވެރި މުޖްތަމައުއެއް ބިނާކުރުން“މިއެވެ.
މި ސެޝަންގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ރާއްޖެއަށާއި ދުނިޔެއަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، މޫސުމަށް މިއަންނަ ބަދަލުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައްކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިން ދެކެވެމުން އައީ، މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރަކާއި އެންމެ ބޮޑު ގެއްލުމެއް އެންމެ އަވަހަށް ލިބޭނީ، ރާއްޖެ ފަދަ ތިރި ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިން މޫސުމީ ބަދަލުތަކާއި ދޭތެރޭގައި ދެކެމުން އެ އައިގޮތް މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގައި ނެތިގެން ދާނީ، ވަކި ޤައުމެއް ނުވަތަ ވަކިބައެއް ނޫންކަން ފާހަގަ ކުރައްވައި އެކަމުގެ ސަބަބުން ނެތިގެން ދާނީ، މުޅި ޖީލުކަމުގައި ފާހަގަކުރެއްވިއެވެ.
