އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 43,985 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ހަމަލާތަކުގައި މިހައިތަނަށް ޣައްޒާގެ 104،000 މީހުންނަށް ޒަހަމްތައް ލިބިފައިވާ ކަމަށެވެ.
އަލްޖަޒީރާ ނޫހުން ބުނީ، އިޒްރޭލުން ޣައްޒާގެ އުތުރަށް ދާދި ފަހުން ދިން ހަމަލާތަކެއްގައި 88 މީހަކު ވެސް ޝަހީދުކޮށްލާފައިވާ ކަމަށެވެ.
ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމު ހުއްޓައިލާނެ އެއްވެސް އިޝާރާތެއް ނެތް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އދ އިން ބުނެފައިވާ ގޮތުގައި، ފަލަސްތީނު ހަނގުރާމައިގެ ސަބަބުން ޝަހީދުވެދިޔަ 70 އިންސައްތަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދީންނެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބޮން އަޅައި، ގިނަ އިމާރާތްތައް ބިމާ ހަމަ ކުރަމުންދާއިރު، 10،000 އަށްވުރެ ގިނަ މީހުން އެކި އިމާރާތްތަކުގެ ދަށުވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

