ރައީސުލްޖުމުހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިގްތިސާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ފަރާތުން އިންތިޒާމުކުރާ ”މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025“ އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި އިގުތިސާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ހިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

އަދި އެ ވިޔަފާރިތަކަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ ނާރެސް ކަމަށާއި، އެއީ، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެ ވިޔަފާރިތައް ހިންގަވާ ވިޔަފާރިވެރިންނަކީ މި މުޖުތަމަޢުގެ ތަރައްގީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ، ގައުމީ ތަރައްގީގައި ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގަންނަވާ ހިދުމަތްތެރީންތަކެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، 21 ވަނަ ގަރުނުގައި، އަޅުގަނޑުމެން ދެކެމުން މި އަންނަނީ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ކަމަށާއި މި ދާއިރާތަކުން ފަހި ނަތީޖާ ހާސިލްކޮށް ފުރިހަމަ ކާމިޔާބަށް ވާސިލްވުމަށްޓަކައި، އަޅުގަނޑުމެންގެ ވިޔަފާރިވެރިން މި އައު ހުނަރުތަކާއި އުކުޅުތައް ދަސްކޮށް، އޭގެ ބޭނުން ހިފަން ޖެހޭކަމުގައި ފާހަގަކުރެއްވިއެވެ.

އަދި އަޅުގަނޑުމެންގެ މި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެ ގޮތުން މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ގާނޫނީ ލުއިތައް ދިނުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީީސް ވަނީ ”މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025“ އިފްތިތާހުކޮށްދެއްވާފައެވެ.

ރޭ އިފްތިތާހުކުރެވުނު ”މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025“ ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ގައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.