ކ. ތިލަފުށީގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ހެނދުނު ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އިދާރާގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ބައިވެރިވި މި ރެއިޑުގައި 257 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.
މީގެތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ، 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، 22 މީހަކަށް ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން މިހާތަނަށް 5000 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

