ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި ހަތީބުން ތާޒާކުރުމަށް ފަށާފައިވާ ގައުމީ މަޝްރޫއުގެ ދަށުން އިތުރު 8 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގުރާމް ފަށައިފިއެވެ.
މި ޕްރޮގްރާމް ފަށައިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
25 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށް އޮންލައިންކޮށް ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އަދި އދ. އަތޮޅުގެ އިމާމުންނާއި ހަތީބުންނަށެވެ. މި ޕްރޮގުރާމުގައި މި 8 އަތޮޅުން 343 އިމާމުން ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގުރާމް ފެއްޓެވުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީންތައް ދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވާކަމެއްކަމަށާއި މި ސަރުކާރުން ފުރަތަމަ އަހަރުގެ ތެރޭގައި އިމާމުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާކަމަށެވެ.
މީގެ އިތުރުން މިފަދަ ތަމްރީން ޕްރޮގުރާމުން ލިބިލައްވާ މަޢުލޫމާތުތަކުގެ ބޭނުން ހިއްޕެވުމަށް މިނިސްޓަރު ނަސޭހަތްތެރިވެލެއްވިއެވެެ.
މިއަހަރުގެ މިހާތަނަށް 11 އަތޮޅެއްގެ އިމާމުންނަށް ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ފެށި ތަމްރީން ޕްރޮގުރާމް ހިމެނޭހެން 739 އިމާމުންނާއި ހަތީބުން ވަނީ ތަމްރީނު ކުރެވިފައެވެ.

