އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ އުދުވާނީ ހަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު، ހޮނިހިރު ދުވަހު އެކަނި ވެސް ޣައްޒާ އިން އިތުރު 100 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން ވައިގެ ހަމަލާގައި 40 މީހުން ޝަހީދުކޮށްލައިފައިވެއެވެ. އަދި ޚާން ޔޫނިސްގައި އެހީ ފޯރުކޮށްދޭ މީހުންގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ވެސް 12 މީހަކު ޝަހީދުކޮށްލައިފައިވެއެވެ.
ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތައް ވެސް، އެތައް ފަހަރަކު ޔަހޫދީންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވެއެވެ.
އެގޮތުން ”ސޭވް ދަ ޗިލްޑްރަން“ އަދި ”ސެންޓްރަލް ކިޗަން“ގައި މަސައްކަތް ކުރަމުންދިޔަ ބައެއް މުވައްޒަފުން ވެސް އިއްޔެގެ ހަމަލާތަކުގައި ޝަހީދުކޮށްލައިފައިވެއެވެ.
މިކަންކަމާ ގުޅިގެން އދގެ ކާބޯތަކެއްޗާ ބެހޭ އެޖެންސީއެއް ކަމުގައިވާ ދަ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު އެފްޕީ) އިން ވަނީ ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ގޮވައިލައިފައެވެ.
ޔަހޫދީން އެކަމަށް ހުރަސް އަޅައި، ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

