ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ރާއްޖެއަށް އެންމެ ފަހުން ދިން ސީއޭއޭ 2 ރޭޓިން ދަމަހައްޓައިފިއެވެ.

މޫޑީސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން ސީއޭއޭ 1 އިން ސީއޭއޭ 2 އަށް ދަށްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސީއޭއޭ

މޫޑީސް އިން މިއަދު ނެރުނު ބަޔާނުގައި ކްރެޑިޓް ރޭޓިން ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަލަށް ތައާރަފު ކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސް އިން އާންމުކޮށް ޝާއިއުކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މޫޑީސްގެ ބަޔާނުގައި ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖެއާއި އިންޑިއާ އާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެންދާނެ ކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

މޫޑީސް އިން ބުނީ، ކުރިއަށް އޮތް 12-18 މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ ކަމަށެވެ.