ތިމާމެންގެ މީހަކާ ޖެހުމުން ހުކުމް ކޮށްލީ ޖާހިލިއްޔަ ޒަމާނުގައިވެސް ނުކުރާ ފަދަ ގޮތަަކަށް ކަމަށް ވިދާޅުވެ، ސަލަފް ޖަމުއިއްޔާގެ ޗީޕް މާކެޓިން އޮފިސަރ އަލީ ރަމީޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާއެކުގައި އެއްޖިންސުން ގުޅުން ހިންގި ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު އެންމެ ތިން މަހާ 26 ދުވަހަށް ގޭބަންދު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

ނާޒިމަށް ދިން އަބަދު ކުޑަކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެެވެ.

އަލީ ރަމީޒު ވިދާޅުވީ ކަރަށް ނާރު އަރުވާފައި ރައްޔިތުންގެ ކުރިމަތީގައި އަދުލު އިންސާފޭ އަދުލު އިންސާފޭ ގޮވަމުން އައިސް، ތިމާމެންގެ މީހަކާ ޖެހުމުން ހުކުމް ކޮށްލީ ޖާހިލިއްޔަ ޒަމާނުގައިވެސް ނުކުރާ ފަދަ ގޮތަކަށް ކަމަށެވެ.

ނާޒިމު ތިން މަސް ދުވަހު ގޭބަންދު ކުރަން ހުކުމް އިއްވިއިރު، އޭނާ އާއެކުގައި އެއްޖިންސުން ގުޅުން ހިންގި އަލަމްގީރަށް އައީ ހަތްމަހުގެ ޖަލު ހުކުމެކެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ ދެވަނަ އަކުރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގެ ދަށުން އެއް ޖިންސުން ޖިންސީ ގުޅުންހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ކުށަކީ ގާނޫނުލް އުގޫބާތުގައި ޖުނަޙުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމުގައިވާއިރު، އެ ކުށުގެ އަސާސީ އަދަބީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.