ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްގީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު މެންދުރުފަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އއ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕާސްޕޯޓު ހިދުމަތާއި އައިޑީ ކާޑުގެ ހިދުމަތް އެ އަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހަމަ އެއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެއްވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އއ އަތޮޅު ބާކީ ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ.
އަދި އެއަރޕޯޓު މަޝްރޫޢަކީވެސް އއ އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާނެކަން ފާހަގަކުރައްވައި އެކަން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އައިޑީ ކާޑާއި ޕާސްޕޯޓް ހިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެމަނިކުފާނު ވެވަަޑައިގެންފައިވާ ވަޢުދު ފާޙަގަކުރައްވައި އެފަދަ ކަންކަމުންވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

