ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިރޭ އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ތެރެއިން ބޭނުންވާ ކަންކަން ހިމެނެއެވެ. އަދި ބަނދަރުގެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ފެށިފައިހުރި މަޝްރޫޢުތައް އަވަސް ކޮށްދެއްވުމަށާއި، ވަޢުދުތަކުގެ ތެރެއިން މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޕޮލިސް ސްޓޭޝަނެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލުން ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރެއްވިއެވެ.
މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފެރިދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅުކުރައްވާނެކަމުގައެވެ.
މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ ސްޓެލްކޯއިން ހިންގެވި މަޝްރޫޢުތައް ވަރަށް ފުރިހަމައަށްކޮށްދެއްވާފައިވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

