ކ.ހިންމަފުށީގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކޮށްދިނުމަށް އެދިއްޖެއެވެ.
އެ ރަށުން މިކަމަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހިންމަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުންނެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ ހަވީރު ހިންމަފުށީ ކައުންސިލްގެ އިދާރާގެ ފޯދޭ ހިޔާ އިމާރާތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކުރައްވާފައެވެ.
އެގޮތުން ފުޅާ ދާއިރާއެއްގައި އެފްއެސްއެމް ހިދުމަތް ދެވޭނެ ގޮތް ހައްދަވައި ދެއްވުމަށާއި، ސުކޫލުގެ ހާލަތު ރަނގަޅުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި ކައުންސިލުން ވަނީ ހިންމަފުއްޓަކީ ގިނަ ހިދުމަތްތަކެއް ދެމުންދާ ރަށަކަށްވުމުން ސިއްހީ މަރުކަޒުން މިހާރު ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެއަތޮޅު ހިންމަފުށީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަން ވަރަށް އަވަހަށް ބައްލަވާނެކަމަށެވެ.
އަދި އެފް.އެސް.އެމް ހިދުމަތް މިހާރު ކުރައްވާކަންކަން ހިއްސާކުރެއްވިއެވެ.
އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

