ކުރިއަށް އޮތް ރަމަޟާން މަހުގައި ގޭބިސީތަކަށް ބެހުމަށް ސައުދީ އަރަބިއާއިން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް ވަނީ ލިބިފައި ކަމަށެވެ.
”ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮންމެ ރަމަޟާން މަހެއްގައި ވެސް ސައުދީ ޢަރަބިޔާއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރައްވައެވެ. ރާއްޖެއާއި ސައުދީ ޢަރަބިޔާއާ ދެމެދު ޒަމާންވީ އެކުވެރިކަމެއް އަބަދުވެސް އޮވެއެވެ.

