ރާއްޖެއަށް ރެފިއުޖީން ގެނައުމަށް ދިވެހިން ބޭނުންނަމަ އެކަމަށް ގާނޫނެއް ހަދަން ޖެހޭނެ ކަމަށް އެމްޑީޕީ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އެއްވެސް ބިދޭސީއަކު އައިސް އުޅެވޭނެ ގޮތް ގާނޫނުގައި ބަޔާންވެފައި އެބައޮތް ކަމަށެވެ.
އަދި އެނޫން ގޮތަކަށް އައިސް ތިބުން އެއްވެސް މީހަކަށް ކޮންމެ ސަބަބެއް އޮތް ކަމުގައިވީ ނަމަވެސް ހުއްދައެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ފަރަންސޭސިވިލާތުގެ ރައްޔިތަކު، އެ ގައުމަށް އެނބުރި ދިއުމުން ހައްޔަރު ކުރާނީ އެ ގައުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްކޮށްފައި އޮތުމުން ކަމަށާއި، އެ ގައުމަކީ ސިޔާސީ ބޭނުންތަކަށް، ނުވަތަ ހިޔާލެއް ފާޅުކޮށްގެން، ނުވަތަ ވަކި ދީނަކަށް އުޅޭތީ މީހުން ހައްޔަރުކޮށް އަދަބުދޭ ގައުމެއް ނޫން ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަކީ ރެފިއުޖީ އިން ގެނައުމުގެ ގާނޫނީ ހަމައެއް ކަނޑައެޅިފައި އޮތް ތަނެއް ނޫން ކަމަށެވެ.
އަދި އިންސާނިއްޔަތަށްޓަކައި ރާއްޖެއަށް ރެފިއުޖީން ގެންނަން ޖެހޭ ކަމަށް ދިވެހީންނަށް ފެންނަނަމަ، އެކަމަށް ގާނޫނު ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
”އޭގެ ކުރިއަކު އެކަމެއް ނުކުރެވޭނެ.“ އިބުރޭ ވިދާޅުވިއެވެ.

