”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ނޫން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވީ ބިންވެރިޔާ“ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފައިވާ ދަނޑިވަޅެއްގައި، މިރޭ އެޗްޑީސީގެ ފަރާތުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީސްމީޑިއާގައި ވަނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށާއި އިތުރު ބަޔަކަށް، އަސްލު ނޫން ލިޔުންތަކެއް ހުށަހަޅައިގެން ގޯތި ދީފައިވާ ކަމަށް ބުނެ، ލިޔުންތަކެއް ވެސް އާއްމު ކޮށްފައެވެ.

ފަޒުލް ވިދާޅުވީ ފޯޖު ކުރި ލިޔުމެއް ހުށަހަޅާފައިވަނީ އާއިލީ ގުޅުން އޮންނަ ފަރާތަކަށް ވުމަކީ އިއްތިފާގެއް ކަމަށާއި، އެއް ޕްލޮޓެއްގައި އިންފާރު ރޭނުމުގެ ހުއްދައަށް ދެ ފަރާތަކުން އެދުމުން، އެކަން ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

”އެގްރީމަންޓުތައް ހަދަނީ އެޗްޑީސީގެ ފަރާތަކުން ނޫން، ބިން ހަވާލު ކުރަނީ އެޗްޑީސީގެ ފަރާތަކުންނެއް ނޫން. އެހެންވީމަ، މި ޕްރޮސެސް އަޅުގަނޑު މި ދަންނަވާލީ.“ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ގޯތި ދިނުމުގައި އެޗްޑީސީން ޝާމިލުވަނީ، އެ ކޯޕަރޭޝަނުގެ ޕޯޓަލް މެދުވެރިކޮށް އިންފާރު ރޭނުމަށް އެޕްލިކޭޝަނެއް ލިބޭ ހިސާބުން ކަމަށެވެ.

އޭނާ ވަނީ ހުޅުމާލެ ފޭސް 2 އަދި 3 އިން ބިން ލިބުނު ހުރިހައި ފަރާތްތަކަށް ވެސް ބިން ހަވާލު ކުރާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

ފޭސް 3 ހިއްކުން މަޑުޖެހިފައި ވިޔަސް، ވަރަށް އަވަހަށް މަސައްކަތް ފަށައި، އެތަނުން ހަވާލު ކުރަންޖެހޭ 699 ޕްލޮޓް ވެސް ހަވާލު ކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.