ކުރީ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބުނު އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފުލުހުން އިސްނަގައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން  (އެޗްޑީސީ) ގައި ކުރިއަށްގެންދާ ޖިނާއީ ތަހުގީގު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން އަހުމަދު ނާސިފު ފިޔަވައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެހެން ހުރިހާ މެންބަރުން ތަހުގީގު ނިމެންދެން ސަސްޕެންޑް ކުރައްވައިފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.

”މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވަމެވެ.“ ހީނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ހައުސިން ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް އެޗްޑީސީން ބިން ހަވާލު ކޮށްފައި ނުވާނެ ކަމަށާއި ގޯތީގެ އެއްބަސްވުން ހެދުމާއި ރަޖިސްޓްރީ ދޫކުރަނީ އެޗްޑީސީން ނޫން ކަމަށެވެ.

ފަޒުލް ވިދާޅުވީ ގޯތި ދޫކުރުމުގައި ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވުނީ އެއް ގޯއްޗެއްގައި އިންފާރު ރޭނުމުގެ ހުއްދައަށް ދެ ފަރާތަކުން އެދުމުން ކަމަށާއި، އެކަން ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.