ބޯކޮށް ވާރޭ ވެހި، ވެރިރަށް މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ކުރަމުންނެވެ.

ސިފައިން ފެން ހިންދަން މަސައްކަތް ކުރާ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.
މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނާތީ، އެމްއެންޑީއެފުން ދަނީ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން އަންނަނީ އެލާޓުތައް ވެސް ނެރެމުންނެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން، މެޓުން ވަނީ ލ އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހުދު އެލާޓު ނެރެފައެވެ. މެޓުން ބުނީ، މިއީ 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނެރުނު އެލާޓެއް ކަމުގައެވެ.
ި

