ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އާދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ކޯޓަށް ހަށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާންތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައިގެ ދައުވާކުރުމަށް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ބައްސާމްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ހީޔާނާތްތެރިވެފައިވާ ކަމުގެ ދައުވާ ވަނީ ކޮށްފައެވެ.

މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ އިތުރުން ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި ދައުވާގައި ވަނީ ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ ފަންސަވީސް މިލިއަން ރުފިޔާ ގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ދައްކާފައިވާ ކަމަށެވެ.މި ދައުވާ ސާބިތިވެއްޖެނަމަ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނަނާނެއެވެ.