ގަވާއިދާ ހިލާފަށް އުޅެމުން އައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ޓާސްކުފޯހުން ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ކަމަށް މައުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި މިއަދު ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނީ މި ރެއިޑު އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާ/ފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އެއް އަހަރުތެރޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެއެވެ.