އިންޑިއާ އިން ހަރަދުކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެމެރިކާގެ މަޝްހޫރު ނޫސް، ”ވޮޝިންގްޓަން ޕޯސްޓް“ އިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން އާއްމު ކުރި ރިޕޯޓެއްގައި ބުނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ، ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަށް ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވްގެ ނަމުގައި ޕްލޭނެއް ހަދާފައިވާ ކަމަށް ބުންޏެވެ.

މިގޮތުން މިކަމަށް މަގުފަހި ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިސަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އިންޑިއާއިން ކަަންބޮޑުވަނީ އިންޑިއާ ކަނޑަށް ޗައިނާގެ ބާރު ގަދަވެދާނެތީ ކަމަށް ވެސް އެ ނޫހުގައިވެއެވެ.