ހުޅުމާލެ ދެ ވަނަ ފިޔަވަހިން އޮޅުވައިލައިގެން، އަސްލު ނޫން ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށްފަހު، އޭގެތެރެއިން ބައެއް މީހުންގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25ވަނަ ދުވަހު ފުލުހުން ވަނީ 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ.
އޭގެތެރޭގައި އެޗްޑީސީގެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ. އަދި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ އަދި ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ.
ފުލުހުން އިއްޔެ ބުނީ ކުރިން ޕާސްޕޯޓު ހިފަހައްޓައިފައިވާ 20 މީހުންގެ ތެރެއިން 09 މީހެއްގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި އެމީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކޮށް، އޭނާގެ ލަފާގެ މަތިން ކަމަށް ވެސް ބުންޏެވެ.
ނުހައްގު ގޯތީގެ މައްސަލައިގެ ތަހުގީގު ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ހިންގަމުންނެވެ.

