މި ފެށުނު މީލާދީ އައު އަހަރު ވެގެންދާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތަރައްގީގެ އިތުރު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ، މިރޭ 12:00ގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރެވިގެންދާނެ ކަމަށެވެ. އަދި ގައުމުގެ ފުދުންތެރިކަން އިތުރު ކުރެވި، މަސައްކަތްތެރީންނަށް ވެސް އިތުރު ފުރުސަތުތަކެއް، މި އައު އަހަރުގައި ހުޅުވިގެންދާނެކަމުގެ އުއްމީދު ދެއްވިއެވެ.
”އަމާންކަމާއި ހަމަޖެހުމުގެ ބިންގަލުގެ މަތީ، ތަރައްގީ ހާސިލު ކުރުމުގެ އަހަރެއްގެ ގޮތުގައެވެ.“ ރައީީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މި ނިމުނު އަހަރުގެ ފަހުކޮޅުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވާފައިވެއެވެ. ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ، އައު އަހަރުގައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
2024 ވަނަ އަހަރުގެ ބަޖެޓަކީ، އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ފާސްކުރި ބަޖެޓަކަށްވާއިރު، އެ ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް އެކަށީގެންވާ އަދަދަށް ފައިސާ ހިމަނާފައިނުވާކަން ރައީސް މީގެ ކުރިން އެކި ޕޯޑިއަމްތަކުގައި ފާހަގަކުރައްވައިފައިވެއެވެ.

