އިރާދަކުރެއްވިއްޔާ، މި ފެށުނު 2025 ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެއް ކަމަށާއި، ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރެޔާއި ދުވާލު ދެމި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައު އަހަރު ފެށުމާ ގުޅިގެން ނެރުއްވި ހިތާބުގައެވެ.

މި ވަގުތަކީ އާ އަހަރެއްގެ އަލިވިލުން ދުނިޔެ ދެކެމުންދާ ވަގުތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި އުފާވެރި ވަގުތާ ދިވެހިރާއްޖެ މި ބައްދަލުކުރަނީ އުއްމީދުގެ ދަންމަރުތަކާ އެކީގައި، ތަރައްގީގެ ތަސައްވުރުތަކާ އެކީގައި ކަމަށެވެ.

”ދިވެހި އިސްލާމީ އަހްވަންތަކަމާ އެކީގައެވެ. މި މަތިވެރި އިޙްސާސްތަކާއެކު، މި ފެށޭ މީލާދީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ނުހަނު އިހްލާސްތެރިކަމާއެކު އަރިސްކުރަމެވެ.“

ރައީސް ވިދާޅުވީ، އައު އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ އަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން ކަމަށެވެ.

އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ގައުމީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި، ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަޒުމަކީ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުން ކަމަށެވެ.

”ވައުދުތައް ފުއްދުމެވެ. އިތުބާރު ދެމެހެއްޓުމެވެ. އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމެވެ. މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމެވެ.“ ރައީސް ވިދާޅުވިއެވެ.