ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެ ގައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ބޮޑުވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ފޮނުއްވައިފިއެވެ.
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާ އިޚުލާސްތެރި ހެޔޮއެދުންތައް ރައީސް ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ، ކިއުބާގެ ރައީސާއި ބޮޑުވަޒީރު، ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި ގެންނެވި އިންގިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެނިވަރސަރީ އޮފް ދަ ރިވޮލޫޝަންގެ ގޮތުގައެވެ.
ދިވެހިރާއްޖެ އާއި ކިއުބާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 29 ޖަނަވަރީ 1977 ގައެވެ.

