ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ހުސައިން ޒަކީގެ އަނބިކަނބަލުން ހުސްނާ މޫސާ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގ. ހިލިހިލާގެ ހުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، މިއަދުގެ ހުކުރު ނަމާދަށްފަހުގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ހުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

އަދި އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.