މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިގެން ހަ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

އުދައަރައިގެން ށ.ނަރުދޫ އަދި ރ. އިނގުރައިދޫއިން ރިޕޯޓުކޮށްފައިވާ ކަމަށާއި، ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ.މީދޫ، ފ.ނިލަންދޫ އަދި ފ. މަގޫދޫއިން ރިޕޯޓު ކުރި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

 

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި

އެންޑީއެމްއޭ އިން ބުނީ، ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި

ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ބ އަތޮޅުން ފެށިގެން ތ އަތޮޅަށް، މިރޭ 7:00އާ ހަމައަށް އޮރެންޖު އިންޒާރު ނެރެފައިވާތީ، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.