ބަނގުރަލުގެ ސަބަބުން 7 ބާވަތެއްގެ ކެންސަރު ޖެހުމަށް މަގު ފަހި ކުރާކަން ފަހުގެ ދިރާސާއަކުން ހާމަވުމާއެކު، އެކަމަށް މީހުން ހޭލުންތެރި ކުރުވުމަށް އެމެރިކާގެ ޑޮކްޓަރަކު ގޮވާލައިފިއެވެ.

އެމެރިކާގެ ސާޖަން ޖެނެރަލް، ވިވެކް މުރުތީ ހުކުރު ދުވަހު ނެރުއްވި ހެލްތު އެޑްވައިޒަރީއެއްގައި ވިދާޅުވީ، ކެންސަރާއި ބަނގުރަލާ އޮތް ގުޅުން އެ ގައުމުގެ ރައްޔިތުންނަށް ރަނގަޅަށް ނޭނގޭ ކަމަށާއި، ކޮންމެ އަހަރަކު އެމެރިކާގައި ލައްކައެއްހައި މީހުންނަށް ކެންސަރު ޖެހޭއިރު، 20،000 މީހުން މި ބަލީގައި މަރުވާ ކަމަށެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި އެދިވަޑައިގަތީ، 1988 ވަނަ އަހަރުން ފެށިގެން، ބަނގުރާ ފުޅިތަކުގައި ބޭނުން ކުރަމުންދާ ލޭބަލްގައިވާ މައުލޫމާތު އަޕްޑޭޓުކޮށް، ބަނގުރަލާ ކެންސަރާ ހުރި ގުޅުން ބުނެދިނުމަށެވެ.

މުރުތީ ވިދާޅުވީ، ވައިން އާއި ބިޔަރު ފަދަ ކޮންމެ ބާވަތެއްގެ ބަނގުރަލެއް ބޭނުންކުރި ކަމުގައިވިޔަސް، ހަތް ބާވަތެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ނުވާ ކަމުގައެވެ. އެގޮތުން އުރަމަތީގެ ކެންސަރާއި، ލިވަރ، އަސޮފެގަސް، އަނގަ، ކަރު، ވޮއިސް ބޮކްސްއަށް ޖެހޭ ކެންސަރާއި ކޮލޮން ކެންސަރު ވެސް ހިމެނެއެވެ.

އެމެރިކާގައި ކެންސަރު ބަލި އިތުރުވާ ސަބަބުތަކުގެ ތެރޭގައި ދުންފަތް ބޭނުންކުރުނާއި، މާބޮޑަށް ފަލަވުމާއި، ބަނގުރާ ބުއިން ހިމެނެއެވެ.