އިއްޔެ މާލެ އަށް ކުރި ވިއްްސާރައިގައި ގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިރޭ ބުނީ މާލެއަށް ކުރި ވިއްސައިރައިގައި ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފަރާތްތަކުން ދަނީ އެފަރާތްތަކުގެ ދިރިއުޅެމުން އައި ތަން އާންމު ހާލަތައް ގެނައުމަށް މަސައްކަތްކުރަމުން ކަމަށެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި، ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދެވުނީ ދެ ދުވަހުގެ މުއްދަތަށެވެ.
އަދި އެންޑީއެމްއޭ އަށް ގެއްލުންތައް ރިޕޯޓް ކުރި މީހުން ދިރިއުޅޭ ގެތަކުގެ ގެއްލުންތައް ދެނެގަތުމުގެ އެސެސްމެންޓް މާދަމާ ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މާލެއަށް އިއްޔެ ކުރި ގަދަ ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން އެންޑީއެމްއޭ އިން ވަނީ ފޯރުކޮށްދީފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ ހޯމަ ދުވަހުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

