ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ހުވަދުއަތޮޅު ދެކުނުބުރިން ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ.

ހުވަދުއަތޮޅު އުތުރުބުރީން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގެ ފެނާއި، ނަރުދަމާ ނިޒާމުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.

އަދި ހުވަދުއަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އޮޅުންފިލުއްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްގީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.