ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު ބައެއް ކަމަށް ދައްކަން އުޅުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށެވެ.

އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަން ވާނެ ސިފައެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

”ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީ އާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް،“ ނައިބު ރައީސް ވިދާޅުވިއެވެ.

ޗެނަލް13ގައި އުމަރު ވިދާޅުވީ، މުޒާހަރާކޮށްގެން ވެރިކަން ވައްޓައިލަން ޖެހިއްޖެނަމަ، އެކަން ކުރާނެ ކަމަށެވެ.