ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާއިރު، އަލުން ހަނގުރާމަ ފަށަން ޖެހިދާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އާއި އިޒްރޭލުގެ އަސްކަރިއްޔާގެ ހަމަލާ ބަދަލުކުރުންތައް މެދުކަނޑައިލަން ދެ ފަރާތުން އެއްބަސްވެފައިވާއިރު، މިއަދު، މި އެއްބަސްވުމަށް އަމަލު ކުރަން ފަށާނެއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ހަމައަށް އާދެވިފައި ވަނިކޮށް ދިން ފުރަތަމަ ތަގުރީރުގައި ނަތަންޔާހޫ ބުނީ، ހަމަލާތައް އަލުން ފަށާނަމަ، އެކަން ކުރާނީ މާ ވަރުގަދަކޮށް ކަމަށާއި، އެކަމަށްޓަކައި އިޒްރޭލާއެކު އެމެރިކާ ވެސް ހުންނާނެ ކަމަށެވެ.
ހަނގުރާމަ ހުއްޓައިލަން ޔަހޫދީން އެއްބަސްވީ ޝަރުތުތަކެއްގެ މަތިން ކަމަށާއި، އޭގެ ތެރޭގައި ޣައްޒާގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ދިނުން ހިމެނޭކަން ފާހަގަކޮށް، ވެވުނު އެއްބަސްވުން ނަތަންޔާހޫ ސިފަ ކުރީ ކާމިޔާބީއެއްގެ ގޮތުގައެވެ.
ހަނގުރާމަ ހުއްޓައިލަން އެއްބަސްވި ފަހުން ވެސް ޔަހޫދީން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ، 100އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލިއެވެ.

