ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭ ކަމަށް ބުނެ، އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ “މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

“ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން.“ ފުލުހުން ބުންޏެވެ.

އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ފުލުހުންނަށް އެންގުން އެދޭ ކަމަށެވެ.

“މާސްޓަ ދުރްގާ ރާއޯ ގުރުޖީ” ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުގައި ބުނާ ގޮތުގައި، އެ މީހާއަކީ ފާލު ބެލުމާއި ސިހުރު ރަނގަޅުކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ މީހެކެވެ. އަދި އެ މީހާ އަށް އެޕޮއިޓްމަންޓް ހެއްދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ހިމަނާފައިވެއެވެ.