ފަލަސްތީނުގެ ޣައްޒާ ސިޓީއަށް ދޭން ފެށި ހަމަލާތައް ހުއްޓައިލަން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނިކޮށް، ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި އިޒްރޭލުގެ އަސްކަރީ ބާރުތަކުން އޮޕަރޭޝަނެއް ހިންގައި ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ، ޖެނިންގައި ޔަހޫދީން ފަށާފައިވާ އަސްކަރީ ރެއިޑުތަކުގައި މިހައިތަނަށް 08 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު ބުނެފައިވަނީ ޖެނިންގައި ”ޓެރަރިޒަމާ ދެކޮޅު“ ހަރަކާތެއް ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވީ ކޮންބައެއްކަން ސާފު ނުވާ ކަމަށާއި، އެ ހަމަލާތަކުގައި 35 މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ފަލަސްތީނުގެ ބަޔަކު ޝަހީދުކޮށްލި މި އަސްކަރީ ހަރަކާތް، އިޒްރޭލުގެ ބޮޑުވަޒީރު ސިފަކުރީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގެ ގޮތުގައެވެ.
ޖެނިންގައި ފަށާފައިވާ މިލިޓަރީ ރެއިޑުތަކުގައި ފަލަސްތީނުގެ ބައެއް އާއްމުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ަ

