ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މެމްބަރުން ވެއްދުމަށް ފޯމު ފުރި މައްސަލާގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން(ޑީއެންއާރް)ގެ ވެރީންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޑީއެންއާރްގެ އޮފީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމަށް ފޯމުތަކެއް ފުރާ މަންޒަރު ކަމަށް ބުނެ، ފޮޓޯތަކެއް ދައުރު ކުރުމާއެކު، މައްސަލަ ވަނީ ހޫނުވެފައެވެ.
މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ޑީއެންއާރްގައި މަސައްކަތް ހިނގާ ގޮތް މިއަދު ވަނީ ނޫސްވެރިންނަށް ދައްކައިލައިފައެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ، ނޫސްވެރިންގެ ސުވާލުތަކަށް ޑީއެންއާރްގެ ވެރިން ޖަވާބު ދެއްވައިފައިނުވާ ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ޑީއެންއާރުގެ ވެރިން އެއްބަސްވެފައިވާގޮތުން ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި، ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުންކަމަށެވެ.
އެހެންކަމުން މި މައްސަލާގައި ޑީއެންއާރުގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅުމުގެ އިތުރަށް، މި މުއްދަތުގައި ޕީއެންސީއިން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
”ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުމުން ހޯމް މިނިސްޓްރީގެ އިސްވެރިން ފިލި ނަމަވެސް މިކަމުގެ ހަގީގަތް މިއޮތީ ހާމަވެފައި. ޕީއެންސީއަށް ވަގު ފޯމު ފުރީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި، ދައުލަތުގެ މުދާ ބޭނުންކޮށްގެން، އެ ތަނުގެ މުވައްޒަފުން. ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ، އަދި ޕީއެންސީއިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭ.“ ފައްޔާޒު އެކްސްގައި ވިދާޅުވިއެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި ޕީއެންސީން ވެސް ބަޔާނެއް ނެރުނެވެ. އެ ޕާޓީން ބުނީ، ނޭނގި އެ ޕާޓީއަށް ވެއްދި ކަމުގެ ޝަކުވާ، ބައެއް މީހުންގެ ފަރާތުން ލިބިފައިވާ ކަމަށާއި، ކަން ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.
ސައްހަ ނޫން ފޯމެއް ބޭނުންކޮށް، ޕީއެންސީއަށް ވައްދާފައިވާނަމަ، info@pnc.mv އަށް އީމެއިލްކުރުމުން، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ޕީއެންސީން ދެއެވެ.
ޕީއެންސީން ބުނީ، މި މައްސަލައަށް ހައްލު ހޯދުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް ހިންގަމުންދަނިކޮށް، މަދުން ނަމަވެސް، ސައްހަ ނޫން ފޯމުތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެެވެ.

