ފަލަސްތީނުގެ ބިންތަކަށް ޔަހޫދީންނަށް ގަދަވެގަތުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ މަދަދުގާރަކީ އެމެރިކާއެވެ. އެ ގައުމުގެ ރައީސްކަމާ ދާދި ފަހުން ހަވާލުވުމަށްފަހު، ޑޮނަލްޑް ޓްރަމްޕް މިވަނީ ޣައްޒާ ”ސާފުކޮށްލުމުގެ ޕްލޭން“ އިއުލާނު ކޮށްފައެވެ.

ޓްރަމްޕްގެ މި ޕްލޭން ހާމަ ކުރުމުން، ޣައްޒާ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ފަސްގަނޑުން ބޭރުކޮށް، އުރުދުން އާއި މިސްރަށް، ރެފިއުޖީންގެ ގޮތުގައި ފޮނުވައިލުމަށް އެމެރިކާއިން ގެންގުޅޭ ވިސްނުން މިވަނީ ފަޅާ އަރައިފައެވެ.

ޓްރަމްޕް ބުނެފައި ވަނީ، މިސްރުން ވެސް ފަލަސްތީނުގެ ބަޔަކު ގެންދިޔުމަކީ އެދުމެއް ކަމަށާއި، މި ދައްކަނީ ދޮޅު މިލިއަން މީހުންގެ ވާހަކަ ކަމަށެވެ. އަދި މުޅި ތަން ސާފުކޮށްލައި، މިކަން ނިންމާލަން ބޭނުންވާ ކަމުގައި ވެސް އޭނާ ބުންޏެވެ.

އޭނާ ވަނީ އުރުދުން އިން، ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަންނަން ނިންމާފައިވާތީ، އެ ކަމަށް ތައުރީފު ވެސް ކޮށްފައެވެ.

އަދި އިތުރު މީހުން ރެފިއުޖީންގެ ގޮތުގައި ގެންދިޔުން އެދޭ ކަމުގައި ވެސް ޓްރަމްޕް ބުނެފައިވެއެވެ.

އިޒްރޭލުން 15 މަސް ވަންދެން ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން 2.3 މިލިއަން މީހުންނަށް ގެދޮރު ދޫކޮށް ދާން ޖެހުނެވެ.

ޓްރަމްޕް ބުނީ، ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލު ކުރާ ކުރުމަކީ ވަގުތީ، ނުވަތަ ދާއިމީ ކަމަކަށް ވެސް ވެދާނެ ކަމުގައެވެ.

”ޣައްޒާ އަކީ މިހާރު ސުންނާފަތިވެފައިވާ ތަނެއް. ގާތްގަނޑަކަށް ހުރިހާ އެއްޗެއް ވެސް ވަނީ ސުންނާފަތިވެފައި. އެތަނުގައި މީހުން ވެސް ދަނީ މަރުވަމުން.“ ޓްރަމްޕް ބުންޏެވެ.

ހަމާސް އާއެކު އިޒްރޭލާ ހަނގުރާމަ ކުރި ޕަލެސްޓީނިއަން އިސްލާމިކް ޖިހާދު ގްރޫޕުން ބުނީ، ޓްރަމްޕްގެ މި ވާހަކަތަކަކީ ފާޅުކަން ބޮޑުގޮތެއްގައި، ޔަހޫދީންގެ ހައްގުގައި ދެއްކި ވާހަކަތަކެއް ކަމަށާއި، އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ނިޔަތުގައި ކުރަން އުޅޭ ކަމެއް ކަމަށެވެ. އެ ޖަމާއަތުން ވަނީ، ޓްރަމްޕްގެ ހުށަހެޅުމާ ދެކޮޅު ހެދުމަށް މިސްރަށާއި އުރުދުން އަށް ގޮވައިލައިފައެވެ.

ޓްްރަމްޕްގެ ވާހަކަތަކާ ގުޅިގެން، ގަތަރުގެ ޔުނިވަރސިޓީއެއްގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ހިސްޓްރީ، އަބްދުﷲ އަލް އާރިއަން ވިދާޅުވީ، ފަލަސްތީނުގެ ނަސްލު ވީހައިވެސް ބޮޑަށް ނައްތައިލުމަކީ ހަނގުރާމަ ފެށުނީއްސުރެ ވެސް، އިޒްރޭލުގެ އަމާޒެއް ކަމަށާއި، އެހެންވެ، ޓްރަމްްޕްގެ ވާހަކަތައް ”ސީރިއަސް“ކޮށް ނަގަން ޖެހޭ ކަމުގައެވެ.

ކުރިން ވެސް މި އަމާޒު ހާސިލު ކުރުމަށް ޔަހޫދީން މަސައްކަތް ކުރިކަން ފާހަގަކުރައްވައި، އަބްދުﷲ ވިދާޅުވީ، އެކަން ކާމިޔާބު ނުވީ، ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަންނަން އަަރަބި ގައުމުތަކުން ދެކޮޅު ހެދުމުން ކަމަށެވެ.

އަބްދުﷲ ވިދާޅުވީ، ޓްރަމްޕްގެ ހުށަހެޅުމަށް ފަލަސްތީނުގެ ރައްްޔިތުން ވެސް ތާއީދު ނުކުރާނެ ކަމަށާއި، އަމިއްލަ ބިން ދޫކޮށް ދާން އެމީހުން ނޭދޭނެ ކަމުގައެވެ.