އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް 15 މަސް ދުވަސް ވަންދެން ބޮން އަޅައި، އެތައް ހަމަލާއެއް ދިނުމަށްފަހު، ހަނގުރާމަ މެދުކަނޑައިލުމުން، އެބައިމީހުންގެ އަނިޔާވެރިކަމުން ސުންނާފަތި ކޮށްލައިފައިވާ ޣައްޒާގެ އުތުރަށް ފަލަސްތީނުގެ ރައްޔިތުން މިހާރު ދަނީ ޖަމާވަމުންނެވެ.
މިއީ އުފަލާއި ހިތާމައިގެ ކަރުނައިގެ ދަތުރެކެވެ. ދިރިއުޅެމުން އައި ވަޒަނަށް އެނބުރި އާދެވުނުއިރު، ވަށައިގެން ފެންނާން އޮތީ، ބިމާ ހަމަކޮށްފައިވާ އިމާރާތްތަކެވެ.
މިއީ، ފާއިތުވި 15 މަސް ދުވަސް ތެރޭގައި، ގިނަ ބަޔަކަށް އަމިއްލަ ވަޒަނަށް އެނބުރި އާދެވޭ އެންމެ ފުރަތަމަ ފަހަރެވެ.

އދ އިން ބުނީ، ހޯމަ ދުވަހު އެކަނި ވެސް، 200،000 މީހުން ޣައްޒާގެ އުތުރަށް އެނބުރި ގޮސްފައިވާ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ޓެންޓު ތަކާއި މަދަރުސާތަކުގައި ހިޔާވަހިކަން ހޯދައިގެން ތިބި މީހުން، އަމިއްލަ ފަސްގަނޑަށް އެނބުރި އައުމަށް ތިބީ ކެތްމަދުވެފައެވެ. ގެދޮރު ބިމާ ހަމަކޮށްލާފައި ވިޔަސް މެއެވެ.
ތިން ކުދިންގެ މަންމަ، ޔާސްމީން އަބޫ އަމްޝާހު ބުނީ، ޣައްޒާ އަށް އެނބުރި އައުމަށް، ދަރިންނާއެކު 6 ކިލޯމީޓަރަށް ހިނގާފައިވާނެ ކަމަށެވެ. އޭނާގެ ގޭގައި ދިރިއުޅެވޭ ވަރު ވިޔަސް، ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
”އެއީ ވަރަށް ދިގު، އެކަމަކު، އުފާވެރި ދަތުރެއް.“ އޭނާ ބުންޏެވެ.
ޣައްޒާއަށް އާދެވުމުން، ކޮއްކޮއާ ވެސް ބައްދަލުވެވުނީ އަހަރެއް ފަހުން ކަމުގައި އޭނާ ބުންޏެވެ.
ހަނގުރާމަ މެދުކަނޑައިލުމުން، އެނބުރި ޣައްޒާ އަށް އާދެވުނު ގިނަ މީހުންގެ އިހްސާސްތައް ހުރީ މިފަދަ ގޮތަކަށެވެ.
ަ
ި

