މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މުޒާހަރާ ކުރުމަށް މާލޭގެ މަޖީދީ މަގަށް ވެސް ނުކުންނަން ޖެހޭނެ ކަމަށާއި، އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް އުނދަގޫވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ”ފުދިއްޖެ، ފުނޑިއްޖެ“ މި ނަމުގައި މާލޭގައި މުޒާހަރާ ކޮށްފައެވެ.
ރާއްޖެ ޓީވީން ގެނެސްދޭ ”ފަލަ ސުރުހީ“ ޝޯގައި ފައްޔާޒު ވިދާޅުވީ، އެ ރޭގެ އެއްވުމުގައި މަޖީދީ މަގަށް ނުނުކުތީ ފުލުހުންގެ ”ރިކުއެސްޓް“ އަކަށް ކަމަށެވެ. ނަމަވެސް އަބަދު މަޖީދީ މަގަށް ނުނުކުމެ ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ރިކުއެސްޓަށް ފުލުހުން އިހުތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ކުރިއަށް އޮތްތާނގަ އަޅުގަނޑުމެން ހަމަ، މަޖީދީ މަގުން ވެސް ހިނގާލަން ޖެހޭނެ އިނގޭތޯ، ދެން ކޮންމެ ފަހަރަކު އަޅުގަނޑުމެން، އަޅުގަނޑު ދެކޭގޮތުގައި، ފުލުހުން ވެސް އަޅުގަނޑުމެންގެ ރިކުއެސްޓަށް ޖާގަ ދެއްވަންވާނެ. މަޖީދީ މަގަށް ނުކުތީމަ ހުންނާނެ، ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ރައްޔިތުންނަށް ވެސް.“ ފައްޔާޒު ވިދާޅުވިއެވެ.
”އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުން ވެސް ތަހައްމަލު ކުރަންޖެހޭ ބައެއް ކަހަލަ އުނދަގޫތައް މިހާރު، ބައެއް ފަހަރު އަޑު ގަދަވުން، ބައެއް ފަހަރު މަގުމަތީގައި ޓްރެފިކަށް އުނދަގޫވުން،“ އޭނާ އިތުރަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، އިހުތިޖާޖު ނުކުރުމުން، ދެން ރައްޔިތުންނަށް ލިބޭނެ ގެއްލުން މާބޮޑު ވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓައިލަން ނޫން ކަމަށެވެ.
އެމްޑީޕީގެ އެއްވުމަށް ސަރުކާރުން ހުރަސް އަޅާފައިނުވާކަން ފައްޔާޒު ވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ސަރުކާރުން ކުރި ރަނގަޅު ކަމެއް ކަމަށެވެ.
ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ގާނޫނާ ގަވައިދުތަކާ އެއްގޮތަށް އެއްވެ އުޅުމާއި، ހިޔާލުފާޅު ކުރުން ފަދަ ހައްގުތަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަސްނާޅާނެ ކަމަށެވެ.


މީހުންނަށް އުނދަގޫ ނުކޮށް މަޑުމަޑުން ތިބޭ .. އަދިވެސް ކެވުނިވަރު މަދީ…
ރައްޔެތުންނައް އުދަގޫވާނެކަން އެގިހުރެ ފައްޔާޒު ބޭނުންވަނީ އެކަންކުރަން ތީތޯ ރައްޔެތުން ނައް ހެޔޮ އެދުމަކީ