ހޯމް މިނިސްޓަރު އަލީ އިހުސާނުގެ މައްޗަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާންގެ މައްޗަށް އިތުބާރު އޮތް ކަމަށް ފާސްވީ 64 މެންބަރުން އިހުސާނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ.

އިހުސާނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކުއެވެ.

އެމްޑީޕީން މަޖިލީހަށް މި މައްސަލަ ވެއްދީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

މައްސަލައިގައި ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިހުސާން ވަނީ ވަކިވަކިން އޭނާ އަށް ކުރި ހުރިހާ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދާ ހިލާފަށް އަދި އޭނާގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކޮށްފައިނުވާނެ ކަމަށެވެ.