ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ވޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ބިލު ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ބިލު ބަލައިގަތުމަށް މިއަދު ފާސްކުރީ 64 މެންބަރުންގެ ތާއީދާ އެކުއެވެ. ބިލާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.

މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައި ނުވާއިރު، އޭގެތެރެއިން 9 މެމްބަރުން އުޅުއްވީ ޕީއެންސީގެ އެކި ދަތުރުފުޅުތަކުގައި ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނީ ދެ މެމްބަރުންނަށެވެ.

މިކަމާ ގުޅިގެން މެމްބަރު އިބްރާހީމް އެކްސްގައި ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެމިހުންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއޮއްޒުއަށާއި ދާއިރާގެ ރައްޔިތުންނަށް ވަފާތެރި އިހްލާސްތެރި މެންބަރެއްގެ ގޮތުގައި ކަމަށެވެ.

”މިއަދު މަޖިލީހުގެ ޖަލްސާގައި އަޅުގަނޑަށް ބައިވެރި ނުވެވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި އުޅުމުގެ ސަބަބުން ކަމުގައި ދަންނަވަން. އަޅުގަނޑުގެ ނަންވެސް ހިމަނައިގެން މިއަދުގެ ވޯޓާ ގުޅުވައި ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް.“ އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ވަނީ، އޭނާ ހުންނެވީ ސަރުކާރަށް އެއްބާރުލުންދީ، ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯދައިދިނުމަށް ފިސާރި ގަދަކޮށެވެ.