އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
އިއްޒުންދީން ފާލަން ހުންނަ ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފާލަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އިއްޒުންދީން ފާލަން ރަމްޒުކޮށްދެނީ ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަގުބަލު ކަމަށެވެ.
ރައީސް ވިދާޅުވީ އިއްޒުއްދީން ފާލަމަކީ ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅި ލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.
ފާލަން ފަރުމާކުރުމުގައި ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
ފާލަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރި ރަސްމީ ފާލަމާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރި ރަސްމީ ފާލަމުގެ ފަރުމާއަށް ރިއާޔަތްކޮށްގެންނެވެ.
ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި މުހައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެއެވެ.

