ރަނގަޅު ގޮތުގައި ކޮށްފިނަމަ، ރޯދައަށް ހުރުމުގެ ސަބަބުން ސިއްހީ އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗުގެ ސީނިއަރ ޑައިޓީޝަން، އާސިޔާ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރަމަޟާން މަސް ފެށުމާ ގުޅިގެން ދެއްވި މެސެޖެއްގައި އާސިޔާ ވިދާޅުވީ، ރަނގަޅު ގޮތުގައި ރޯދަ ހިފުމަކީ ހަށިގަނޑުން ސަރުބީ ނައްތާލައި، ވިހަތައް ބޭރުކޮށްލާ ކަމެއް ކަމަށެވެ.

ނަމަވެސް ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ފަރުވާ ކުޑަ ކުރެވުމުން، ރޯދަ މަހުގައި ބަރުދަން އިތުރުވެ، ގޭސް މައްސަލަ އާއި، ފުރަމޭގައި ސަރުބީ ޖެހުން ފަދަ މައްސަލަތައް ދިމާވާ ކަމަށް އާސިޔާ ވިދާޅުވިއެވެ.

”އަދި މީގެ އިތުރުން، ހަކުރު ބަލި ފަދަ ބައްޔެއް ހުރި ކަމަށް ވާނަމަ، ޑައިޓީޝަނެއްގެ އިރުޝާދާ އެއްކޮށް ކެއިން ބުއިން ބައްޓަން ކުރުން މުހިންމު.“ އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ރޯދަ މަހުގައި އާއްމުކޮށް ދިވެހީން ބޭނުންކުރާ އެކި ވައްތަރުގެ ފަންޏާއި، ފޮނި ކާތަކެތި ގިނައިން ކައިބޮއެ ނޫޅުމަށް އިރުޝާދު ދެއްވައިފައެވެ.