ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ ދެ މަސް ދުވަހަށް މެދުކަނޑައިލުމަށްފަހުގައި، އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން އަނެއްކާ ވެސް މިވަނީ ފަށައިފައެވެ.

އިއްޔެ އެކަނި ވެސް ފަލަސްތީނުގެ‏ ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނެވެ.

ޝަހީދުންގެ ވީޑިއޯތަކާއި، އެމީހުންގެ އާއިލާތަކުން ކަރުނައަޅައި، ހިތާމަ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް އެކި މީޑިއާތަކުން ހިއްސާ ކުރަމުންދާއިރު، ފެނިގެންދަނީ ހިތްދަތި މަންޒަރުތަކެކެވެ.

މިގޮތުން ”ޓީ.އާރް.ޓީ ވޯލްޑް“ އިން އާއްމު ކުރި ވީޑިއޯއެއްގައި، ޣައްޒާގެ ޚާން ޔޫނިސްގައި އުޅޭ އަންހެނަކު ރޮމުން ބުނީ، ޚާން ޔޫނިސްއަށް ހަމަލާ ދީ، އޭނާގެ އަންހެން ދަރިފުޅު ޝަހީދު ކޮށްލީ، ހާރު ކާން ވެސް ނުލިބި، ރޯދައަށް ހުއްޓާ ކަމަށެވެ.

އެ ވާހަކަ އެ އަންހެން މީހާ ކިޔައިދިނީ ރޮމުން، ވަރަށް އަސަރާއެކުގައެވެ.

ކޮންފަދަ ހިތްދަތި މަންޒަރެއްތޯއެވެ.  ޔަހޫދީންގެ އަނިޔާވެރިކަމުން ޝަހީދުކޮށްލީ އޭނާގެ ދަރިން އެކަންޏެއް ނޫނެވެ. ފިރިމީހާ ވެސް ދޫނުކުރިއެވެ. އޭނާ ބުނީ ދަރިންނާއި ފިރިމީހާ ވެސް ޝަހީދުކޮށްލި ކަމަށެވެ.

މިފަދަ އެތައް ހިތްދަތި ވާހަކަތައް ޣައްޒާގެ ރައްޔިތުން ދަނީ ހިއްސާ ކުރަމުންނެވެ.

ޣައްޒާއަށް އަލުން ހަމަލާދޭން ފެށުމަށްފަހު، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ މިއީ އަދި ފެށުމެއް ކަމަށާއި، ހަމާސް ޖަމާއަތް ވެސް ނައްތާލާނެ ކަމަށެވެ.

އަދި އެއްވެސް ވަރަކަށް ”ނެގޯޝިއޭޓް“ ކުރެވޭނީ ހަމަލާތައް މެދުވެރިކޮށް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.

އިޒްރޭލުގެ ގައުމީ ޓީވީ މެދުވެރިކޮށް އާއްމު ކުރި ވީޑިޔޯއެއްގައި އޭނާ ބުނީ މި ފަހަރުގެ ހަމަލާތަކަކީ ހަމައެކަނި ”ފެށުމެއް“ ކަމަށާއި، ޔަހޫދީންގެ ހަނގުރާމައިގެ ހުރިހައި ލަނޑުދަނޑިއެއް ވެސް ހާސިލު ކުރާނެ ކަމަށެވެ.

ޔަހޫދީންގެ އަމާޒަކީ، ހަމާސްއަށް ޕްރެޝަރުކޮށް، އެ ޖަމާއަތުން އަސީރު ކުރި އިޒްރޭލުގެ މީހުން ދޫކޮށްލަން މަޖުބޫރު ކުރުވުން ކަމުގައި ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.