ކެންޔާ ފިލްމު ކްލެސިފިކޭޝަން ބޯޑް (ކޭއެފްސީބީ) އިން ތަކުރާރުކޮށް ބުނަމުން ދަނީ،އެއްޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު އަމަލު ހިންގުމަށް ތާއީދު ކޮށް އުފައްދާ ފިލްމު ނުވަތަ ކޮންޓެންޓް ހިމެނޭ ހުރިހާ ފިލްމެއް އަދިވެސް އެ ގައުމުގައި ޣައިރު ގާނޫނީ ކަމުގައެވެ.

ކޭއެފްސީބީގެ އެކްޓިން ސީއީއޯ ކްރިސްޓޮފާ ވަމްބޫއާ ހުކުރު ދުވަހު ރޭޑިއޯ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެންޔާގެ ގާނޫނު އަސާސީގައި އެއްޖިންސުން ގުޅުން ހިންގާ ފިލްމުތަކާއި ޑްރާމާތައް ދެއްކުމަކީ މަނާ ކަމެއް ކަމަށާއި އެހެންކަމުން މެއިންސްޓްރީމް މީޑިއާގައި އެފަދަ ކޮންޓެންޓާ ދެކޮޅަށް ބޯޑުން ހަރުކަށި ފިޔަވަޅު އެޅުން ކުރިއަށް ގެންދާނެ ކަމަށެވެ.

”ކޮންޓެންޓް ރޭޓްކޮށް ދަރަޖަކުރާއިރު ވެސް އަޅުގަނޑުމެން މި ވިސްނަނީ އެހެން އެޕްލައިކުރެވޭ ގާނޫނުތަކަށް،“ ސްޕައިސް އެފްއެމްގައި ވަމްބޫއާ ވިދާޅުވިއެވެ.

ވަމްބޫއާ ވަނީ ’އައި އޭމް ސެމިއުލް‘ ފަދަ ފިލްމުތައް ބްރޯޑްކާސްޓް ކުރުން މަނާކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.

މުޅި އިންޓަނެޓްގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ކޮންޓެންޓް ޑިސްޓްރިބިއުޓް ކުރުން އިތުރުވަމުން ދިޔުމާ ގުޅޭ ގޮތުން ވަމްބޫއާ ވިދާޅުވީ، އެ ގައުމުގައި އެފަދަ ކޮންޓެންޓް ވައިގައި ހިފުނު ނަމަވެސް، އެފަދަ ކޮންޓެންޓް ވައިގައި ހިފަމުން ދިއުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނެޓްފްލިކްސް ސްޓްރީމިން ސައިޓަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މުސްތަގުބަލުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާކުރާ ގޮތަށް އެމެރިކާގެ ކުންފުންޏާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.