ބުރުގާ އަޅައި އައުރަ ނިވާ ކުރުމަކީ މުސްލިމުންނަށް، އިސްލާމްދީނުގައި ވާޖިބު ކަމެކެވެ. ރާއްޖޭގައި ބުރުގާ އަޅައިގެން އުޅޭ މީހުން ކިތަންމެ ގިނަޔަސް، އައުރަ ނިވާ ވަނީ ކިތައް މީހުންގެތޯ، މިއީ އުފެދޭ ސުވާލެކެވެ.

ހިޖާބު އެޅުމުގެ ނަމުގައި ގަޔަށް ބާރު، ކުރު ހެދުންތައްލާ މީހުން ވަރަށް ގިނައެވެ. އަތާއި، ފައިގެ ބައްޓަން އެނގޭ ގޮތަށް ދިގު ހެދުން ލާމީހުންވެސް މަދެކޭ ބުނެވޭކަށް ނެތިއެވެ.

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، މިގޮތަށް ހިޖާބުވުމުން، އެކަން ކުރުމުން ލިބޭނެ ސަވާބެއް ނުލިބޭނެެއެވެ. އަދި މިއީ އެމީހަކު އަޒާބަށްވެސް ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ. ހެދުން ލައިގެން، އެކަމަކު އައުރަ ނިވާ ނުވާ ހާލުގައި އުޅޭ މީހުންނަށް މާތް ނަބިއްޔާ މުހައްމަދު (ސ.އ.ވ) ލައުނަތް ލެއްވިއެވެ.

ޝެއިހު އާސިމް އަލް ހަކީމް ވިދާޅުވެފައިވަނީ އަންހެނުންނަށް ހެދުން އެޅުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އިސްލާމްދީނުގައި އަންހެނުންގެ ”ޑްރެސް ކޯޑް“އެއް އޮންނަ ކަމަށެވެ. އެގޮތުން ފިރިހެނުންގެ ސިފަ ޖެހޭ ގޮތަށް ހެދުން އެޅުމާއި، އެހެން ދީންތަކުގެ އަންހެނުން ހެދުން އަޅާގޮތް ކޮޕީ ކުރުންވެސް ހުއްދަ ވެގެން ނުވެެއެވެ.

ޝެއިހު އާސިމް ވިދާޅުވީ ހަށިގަނޑުގެ ބައްޓަން އެނގޭ ގޮތަށް، ނުވަތަ ”ގަޔަށް ހިފާފައި“ ހުންނަ ހެދުން އަންހެނުން ހުއްދަ ނުވާ ކަަމަށެވެ. އެއީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނަމައެވެ. ހިލޭ ފިރިހެނުން ނޫނަސް، ބައްޕަ ނުވަތަ ބޭބެމެން ކުރިމަތީގައިވެސް އައުރަ ނިވާވާފަދަ ހެދުމެއް ލުމަކީ އެދެވިގެންވާ ކަމެއް ކަމުގައިވެސް ޝެއިހު ވިދާޅުވެފައިވެެއެވެ.

އެހެންކަމުން ނަމުން ބުރުގާ އަޅައިގެން އުޅެވޭ މީހުން މިކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ.