ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ”އިންވެސްޓްކުރަން“ ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ”ޕްރިވެންޓިވް ހެލްތު ކެއަރ“ ނުވަތަ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޞިއްޙީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާކަމުގައި ފާހަގަކުރެއްވިއެވެ.
އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަގީގަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ”ޕްރިވެންޓިވް ހެލްތު ކެއަރ“ އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫއުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ގާއިމުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައް ހަދަމުންދާކަންވެސް ރައީސް މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށްވެސް ހަމަޖެހުން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށާއި، ސަލްޓަން ޕާކް މަރާމާތުކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތުވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.
މިގޮތުން އެ ޕާކް ތަރައްޤީ ކުރައްވާނީ ”އެޑްވެންޗަރަސް“ ކަންކަން ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

