ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރާނެ މަޝްރޫއުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވާފައި ވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ބިންހިއްކުމާއި އެފަދަ ތަރައްޤީގެ މަޝްރޫއުތައް މިހާތަނަށް ހިންގާފައިވާއިރު، ރަށުގައި ގުދުރަތީ ގޮތުން އުފެދިފައިވާ މޫދާއި ގޮނޑުދޮަށަށް ބަދަލުއައިސް، ރަށުގެ ރައްޔިތުންނަށް އެކަންކަން ގެއްލިފައިވާކަމުގެ ޝަކުވާ، ރައްޔިތުން، ހާއްސަކޮށް އިސްރަށްވެހިން ކުރައްވާފައިވާކަމަށެވެ.
އެހެންކަމުން ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްގެންދަވާނީ މޫދަށް އެރުމަށް ހާއްސަ ކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، މި އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ ސަބަބުން، ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުވެ، ޢާއިލީ ގުޅުންތައް ހަރުދަނާވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާކުތައް އެޅުމުގެ އިތުރުން، މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ ތެރޭގައި، ސަލްޓަން ޕާކު މަރާމާތުކޮށް، އިތުރަށް ތަރައްގީކޮށް، އެ ޕާކަކީ ”އެޑްވެންޗެރަސް“ އަދި އާންމުންނަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ވަށައިޖެހޭ ސިއްހީ ހިދުމަތުގެ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ސަރުކާރުން ދެއްވާނެކަމުގެ ޔަގީކަން އެމަނިކުފާނު ދެއްވިއެވެ.

