މިދިޔަ މަހުގެ 28 ވަނަ ދުވަހު މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައިނުލާ ދަނީ ކުރިއަށެވެ.

މިޔަންމާގެ އިތުރުން ޗައިނާގެ ބައެއް ސަރަހައްދުތަކަށާއި ތައިލޭންޑުގެ ބެންކޮކަށް ވެސް އަސަރު ކުރި މި ބިންހެލުމަކީ 7.7 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމެކެވެ.

މިޔަންމާ ސަރުކާރުން ބުނީ، ބިންހެލުމުގައި 2700އަށް ވުރެ ގިނަ މީހުން މަރުވީއިރު، 4700 އަށްވުރެ ގިނަ މީހުން ޒަހަމްވި ކަމަށެވެ. ބިންހެލުމުގެ އަސަރު ކުރި ބެންކޮކުން ވެސް 21 މީހުން މަރުވިއެވެ.

މިޔަންމާ އިން މަރުވި މީހުންގެ އަދަދު، މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ައަދަދަށްވުރެ އިތުރުވުން އެކަށީގެންވެއެވެ. ސަބަބަކީ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދިޔުމެވެ.

ބިންހެލުމަށްފަހުގައި އިތުރު ލޮޅުންތައްވެސް އަރާފައިވެއެވެ. އެގޮތުން 6.4 އަދި 5.1 މެގްނިޓިއުޑް ބާރު މިނުގައި މިޔަންމާގެ ދެ ސަރަހައްދަކަށް ”އާފްޓަރޝޮކް“ އައިސްފައިވެއެވެ.