ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ބައްދަލުކުރި މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) / ވިޒިޓް މޯލްޑިވްސް އާއި އެލްއެފްސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.

ވިޒިޓް މޯލްޑިވްސް އާއި އެލްއެފްސީގެ މި ކެމްޕެއިންގެ ދަށުން، ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިންމު އިގްތިސާދީ މަންފާތައް ހޯދޭނެ މަގުފަހިވެގެންދާނެއެވެ.

ލިވަރޕޫލް އެފް.ސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމްއެމްޕީއާރްސީ/ ވިޒިޓް މޯލްޑިވްސް ކަމަށް، ނިމިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

މި ޕާޓްނަރޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަގްވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެއެވެ.

އެލްއެފްސީ އާ އެކު ގާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ.

ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލް.އެފް.ސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަގްވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.