ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ބަނދަރު ހެދުމުގެ 44 މަޝްރޫއުއެއް ނިންމާފައިވާ ކަމުގައި ޕްލޭނިން މިިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހދ. ނާވައިދޫގައި ފެނުގެ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އެގޮތުން މިސަރުކާރުން ބަނދަރު ހެދުމުގެ 44 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ބަނދަރު ހެދުމުގެ 37 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ 3.6 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ގުޅުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެއަރޕޯޓް ތަރައްގީކުރުމުގެ އެއް މަޝްރޫއު ނިމި، އިތުރު 3 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ  840 މިލިއަން ރުފިޔާގެ މަޝްރޫތަކެއް ކަމަށެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވާ ސާފު ބޯފެނާއި، ނަރުދަމާގެ މަސައްކަތުގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާއިރު 130 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަޝްރޫތަކަށް 5.8 ބިލިއަން ރުފިޔާ ހަރަދުވެއެވެ.