ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ބޮން އަޅަމުން އަންނައިރު، ޣައްޒާގެ އިތުރު ސަރަހައްދުތަކުން މީހުން ހުސް ކުރުމަށް ޔަހޫދީން އަންގައިފިއެވެ.
ޣައްޒާ ހިފުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޚާން ޔޫނިސްއާއި، ރަފަހްއާ ދެމެދުގެ ސަރަހައްދެއް މިހާރު ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ޣައްޒާގައި މީހުންނަށް ދިރިއުޅެވޭ ފަދަ ހާލަތެއްގައިވާ ތަނެއް ނެތްއިރު، މީހުން އުޅޭ ސަރަހައްދުތައް ހުސްކުރުމަށް ޔަހޫދީންގެ އަސްކަރިއްޔާ، އައިޑީއެފުން އެންގީ، ހަމާސް ޖަމާއަތުން ފަލަސްތީނުގެ ރައްޔިތުން ”އައްޑަނަ“ގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެއެވެ.
ނަމަވެސް ޣައްޒާގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށް، އެއްވެސް ރަހުމެއް ނެތި ހަމަލާތައް ދެމުންދަނީ ހަމާސްއަކުން ނޫނެވެ.
އެމެރިކާގެ ފުރިހަމަ ތާއީދާއެކު، ޣައްޒާގައި ގަތުލުއާއްމު ހިންގަމުންދަނީ ޔަހޫދީންނެވެ.
އދ އިން ބުނީ، ޣައްޒާގެ އެކި ސަރަހައްދުތަކުން މީހުން ފޭބުމަށް އިޒްރޭލުން އަންގާ އެންގުމާމެދު ކަންބޮޑުވާ ކަމަށާއި، ޣައްޒާގައި މީހުން ދިރިއުޅެމުންދާ ތަންތަން މިހާރު ވެސް ވަނީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.
ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި، އެ ސިޓީއަށް އެތެރެ ކުރުން ވެސް ހުއްޓުވައިފައެވެ.

